ކައިލް - Bodufoshi

އިޝްތިހާރު

ކައިލް

Dhivehi Vaahaka - Kyle -Bodufoshi*** މިވާހަކައާއި މިވާހަކައިގައި ހިމެނޭ އެންމެންނަކީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލަށް އުފައްދާފައިވާ ބައެކެވެ. ވާހަކައިގައި
ބުނެދެވިފައިވާ ތަނެއް ނުވަތަ ރަށެއްގައި ވިޔަސް އުޅޭ އެއްވެސް މީހަކާއި މިވާހަކައިގެ އެއްވެސް މީހަކާ ގުޅުމެއްނޯންނާނެވެ.
ގުޅުމެއްވާނަމަ އެއީ މުޅިން އިއްތިފާގެކެވެ.***


އެއީ ބ.ހިތާދޫ ސްކޫލުގައި މުޅިން އަލަށް ލަވަ މުބާރާތެއް ބޭއްވި އަހަރެވެ. މުޅި އަތޮޅަށް ހުޅުވައިލައިގެން ބާއްވާ މިތާރީޚީ މުބާރާތުގެ ފަ ނޑިޔާރުކަމުގައި އައިސް އުޅެނީ ރައްޖޭގައި ނަންވިދާ ތިން ލަވަކިޔުންތެރިންނެވެ. ލަވަ މުބާރާތް އޮތީ ސްކޫލުގައި ނަމަވެސް މުޅިރަށްވަނީ އެކި ކުލަކުލައިގެ ފޮތިން ޖަރީކޮށްފައެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ރަށަކަށް ވަނީ ވަކި ކުލައެއް ދީފައެވެ. ވީމާ މަގުތަކުގައި ފޮތި ދަމައި ދިދަ ޖަހައިފައި ހުރީ މިކުލަތަކުންނެވެ. ކޮންމެ މަގަކު ވަކި ކުލައަކުންނެވެ. ރަށުގެ އަންހެންވެރިން އުޅެނީ އަވަދިނެތި މެހެމާނުންނަށް ކައްކައި ކާންދިނުމުގައެވެ. ކެއުން އޮންނަނީ ރަށްވެހިގޭގެ ޖަލްސާކުރާ މާލަމުގައެވެ. ރަށުންބޭރުން އައިސް ތިބި ހުރިހާ މެހެމާނުން ބައިންދާފައި ހުންނަނީ މިގޭގައެވެ.

މިއީ ލިބިފައިވާ ލަވަކިޔުމުގެ ހުނަރު ދައްކާލުމަށް ބ.ހިތާދޫ ދަރިވަރުންނަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އަފާވެސް ވިސްނަމުން ދިޔައީ މިފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށެވެ. އެއީ އަފާ ސްކޫލުގައި އުޅޭނެ އެންމެފަހު އަހަރު ކަމުންނާއި ދުވަހަކުވެސް އެކަހަލަ ކަމެއްގައި ބައިވެރިވެފައި ނުވާތީއެވެ. އަފާ ލަވަކިޔާލެއް ރީތިކަމަށް އޭނާގެ ހުރިހާ ރައްޓެހިންވެސް ބުނެއެވެ. އަދި އީދުފަދަ ދުވަސް ދުވަހު ސްޓޭޖުގައި ލަވަކިޔުމަށް އެމީހުން އާދޭސްކުރެއެވެ. ނަމަވެސް ދުވަހަކުވެސް އޭނާ މިކަމަށް އެއްބަސް ވެފައެއްނުވެއެވެ. ހުންނަ މަޑުމައިތިރި މިޒާޖެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ވީމާ  މި މުބާރާތުގައި އަފާ ބައިވެރިވެ، ސްކޫލަށް ފަރިތަކުރުންތަކަށް ދާންފެށުމުން އޭނާގެ ރައްޓެހިން ތިބީ ޤަބޫލުކުރަން އުނދަގޫވެފައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހެވެ. ބައިވެރިން ތިބީ މާލަމުން ބޭރުގައި އަތުރާފައި ހުރި ގޮޑިތަކުގައި އެބައިވެރިއެއްގެ ފުރުސަތު ޖެހެންދެނެވެ. ބެލުންތެރިންނާއި ފަ ނޑިޔާރުން ތިބީ މާލަންތެރޭގައެވެ. ފުރަތަމަ ބުރުގައި އޮންނަނީ ހުރި ހާ ބައިވެރިން ލަވަ ކިޔުމުން އެންމެ މޮޅު 01 ބައިވެރިއެއް ހޮވުމެވެ. މިކަންކުރަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އަފާއަ ށް ލަވަ ކިޔަން ޖެހުނީ ފުރަތަމަ ދަންފަޅީގެ އެންމެ ފުރަތަމައަށެވެ. ވަރަށް ހިތްވަރާއެކު ގޮސް ސްޓޭޖް މައްޗަށް އަރައި އެންމެންނަށް ބަލާލިއެވެ. "އަފާ އަވަހަށް ފަށާ!" ފަ ނޑިޔާރު މިހެން ބުނުމާއެކު ލަވައިގެ ރާގު އިވެން ފަށައިފިއެވެ. ނަމަވެސް އަފާގެ އަނގަޔަކުން އަޑެއްނުނިކުތެވެ. ގަ ނޑުވެފައި އެންމެންނަށް ބަލަންހުރެވުނެވެ. ބަލަމުން ދަނިކޮށް މަންމައާއި ދައްތަ ފެނުމުން ކުޑަކޮށް ހަމަޖެހިލެވުނެވެ.

"އުޑުން...ތަރިތަށް.. އޮތީމޭ..ހި..ތުން.." އަފާގެ އަޑު ތުރުތުރު އަޅަންފެށިއެވެ. ކަރުތެރެ ބެދޭހެންހީވަން ފެށިއެވެ. އަފާބޭނުންވީ އެންމެންނަށް ގެއްލޭށެވެ. ހަދާނެ ގޮތް ހުސްވެ ، ފެންކަޅިވެފައި ހުރެ ފަޔަށް ބަލަންފެށުނެވެ.

"އެންމެ ރަނގަޅު." ފަ ނޑިޔާރު މިއުޒިކް ހުއްޓުމަށް އެންގިއެވެ. އެއާއެކު އަފާ ދުވެފައި ސްޓޭޖުން ފައިބައިގެން ދިޔައީ ރަށްވެހިގޭގެ ފުރަގަހުގައި ހުންނަ ބަގީޗާއަށެވެ. އަދި އެތާހުރި ފާރުކޮޅެއްމަތީ އިށީންދެ އަޑުންއަޑުނަގައި ރޯންފެށިއެވެ.

ލަވަކިޔަން އެރުމުގެ ކުރިން ރަށްވެހިގޭގެ ފުރަގަހުގައި އޮންނަ ބަގީޗާއަށް ކައިލް ދިޔައީ ވަމުން ދިޔަ ހާސްކަން ފިލުވައިލެވޭތޯއެވެ. ކައިލް އަކީވެސް މިއަހަރު ބ.ހިތާދޫ ސްކޫލުން ކިޔަވައި ނިމޭނެ ދަރިވަރެކެވެ. ފެންބޮމުން ހިނގަމުން ދަނިކޮށް އިވުނީ އަންހެން ކުއްޖަކު ގިސްލަ ގިސްލާފައި ރޯއަޑެވެ. ދެކޮޅު ހޯދާ ބަލާލިއިރު އޭނާއަށް އަފާ ފެނުނެވެ. އެއީ އަފާކަން ކައިލްއަށް އެނގުނީ ކުރިންވެސް އަފާ އެހެދުން ލައިގެން އުޅެނިކޮށް ފެނިފައިވާތީއެވެ. 

" އެހާގިނައިން ގަސްތަކަށް ފެންދެންޏާ ގަސްތަށް މަރުވެދާނެ" ކައިލް އަފާ ކައިރީ އިށީންދެލިއެވެ. ކައިލް އަކީ ސަކަމިޒާޖެއް ހުންނަ ކުއްޖެއްކަމުން އަބަދުވެސް މީހުން ހެއްވައިލެވޭތޯ މަސައްކަތްކުރެއެވެ. ކައިލް ވާހަކަދެއްކުމުން އަފާ ސިއްސައިގެން ގޮސް އަވަހަށް ކަރުނަތަށް ފުހެލިއެވެ.

" ކޮންކަމަކާޔޯ ފެންބޮޑުކުރަނީ؟" އެދެމީހުންނަކީ ރަޙުމަތްތެރިން ނޫނަސް އޭނާ ސުވާލުކޮށްލީ ގާތް ރަހުމަތްތެރިޔަކުހެންނެވެ. ރަޙުމަތްތެރި ނޫނަސް އަފާއަށް އެންމެ ފުރަތަމަ ކައިލް ފެނުނު ދުވަހުއް ސުރެވެސް އޭނާދެކެ ލޯބިވެވުނެވެ. އެއީ މާލޭގައި ކިޔަވަން އުޅެފައި ގުރޭޑު އަށަކަށް ކައިލް ރަށަށްއައި އަހަރުގައެވެ. އޭގެފަހުން ކިތަންމެ ވަރަކަށް ފެނިދެނިވެ ވިނަމަވެސް މިހާތަނަށްވެސް ލޯބިވާކަމުގެ އިޝާރާތެއް ކޮށްލަން އަފާއަކަށް ނުކެރެއެވެ.

ކައިލްއަށް މޫނު ނުދައްކަންވެގެން އަނެއްފަރާތަށް އަފާގެ މޫނު އަނބުރާލިއެވެ. ކައިލް ބޯއަރިކޮށް އަފާގެ މޫނަށް ބަލަން ފެށިއެވެ. ކައިލް އިނީ އަފާއާއި ކިހާ ގާތެއްގައިކަން އަފާއަށް އިހުސާސުވީ ދެނެވެ. ހާސްވެ މޫނު ރަތްވާން ފެށުމުން ދެއަތުން މޫނު ފޮރުވިއެވެ.

"އޯކޭ.އޯކޭ. މިދަނީ. ސޮރީ" ކައިލްއަށްވެސް އެކަން ރޭކާލިއެވެ. ކައިލް ދިޔަކަން ޔަގީން ވުމުން އަފާ މޫނުން އަތްނެގިއެވެ.

މުބާރާތުން ކެޓިޔަސް މިހާރު އަފާ އެއްވެސް ދެރައެއްނުވެއެވެ. އެއީވެސް ނަސީބު ކަންނޭންގެއޭ އޭނާގެ ހިތައްއަރަމުން ދިޔައެވެ. ނޫންނަމަ އެގޮތަށް ކައިލްއާ ދިމާވެ، އޭނާއާ އެހާ ގާތުގައި ނީންދެވުނީހެވެ. އަފާ އުފަލުން ހުރެ ގެއަށް ދިޔައިރު ގޭގެ އެންމެން ތިބީ އޭނާ ގެއަށް ނައިސްގެން ކަންބޮޑުވެފައެވެ. އަފާ ގެއަށް ވަނުމާއެކު ހިތްވަރުގެ ބަސްތަށް އޮއްސާލިއެވެ. ނަމަވެސް އޭނާއަށް މިބަސްތަށް އިވޭ ހެނެއް ހިޔެއްނުވެއެވެ. ފާޑަކަށް ހިނިތުންވެ ހުރެ ކޮޓަރިއަށްވަނެވެ. އަފާގެ މައިންބަފައިން ނިންމީ އަދިވެސް އަފާ ހަމަޔަކަށް ނޭޅެނީ ކަމުގައެވެ. އެހެންވެ އޭނާ އެކަނިވާން ދޫކޮށްލިއެވެ.

ކޮޓަރިއަށްވަދެ އެނދަށް ވެއްޓިގަތްގޮތަށް އަފާއަށް އޮވެވުނީ ކައިލްގެ ހިޔާލުގައެވެ. ކައިލްގެ ގައިން ދުވި މީރު ސެންޓުވަހާއި އެހާކައިރިވުމުން ވީ އިހުސާސެވެ. އެރީތި މުށިމަޑު ދެލޮލުން އަފާއަށް ބަލާލި ބަލާލުންވެސް ޚާއްސަހެން އަފާއަށް ހީވިއެވެ. ލަދުން އަނެއްކާވެސް އަފާގެ މޫނު ރަތްވާންފެށިއެވެ.

އަފާއަށް ދެން ކައިލް ފެނުނީ މުބާރާތް ނިމި ސްކޫލަށް ދާން ފެށުމުންނެވެ. އޭނާ ބޭނު ންވީ ކޮންމެވެސް ގޮތަކުން ކައިލްއާއި ވާހަކަދައްކާށެވެ. އެއްދުވަހަކު ކުލާސް ނިންމާފައި ލައިބްރަރީއަށް ވަންނަނިކޮށް ކައިލް އެތަނުން ނިކުންނަތަން ފެނުނެވެ. "ކަ..ކައިލް" ވަރަށް މަޑުމަޑުން އަފާ ގޮވާލިނަމަވެސް ކައިލްއަށް އަޑުއިވުނެވެ. ކައިލް އަފާއަށް ބަލާލިއެވެ. ކައިލް ބަލަން ފެށުމުން ހަދާނެ ގޮތެއް ނޭންގިގެން އަފާއަށް އިސްޖެހުނެވެ.

" ކިހިނެއްވީ؟" އަފާ އެއްވެސް ވާހަކައެއް ނުދެއްކުމުން ކައިލް އެހިއެވެ. " ކަ..މެއްނުވޭ.." އަފާ ތުންފަތުގައި ދައިގަންނަމުން ވާހަކަދެއްކިއެވެ. އަފާ މިހެން ބުނުމުން އިރުކޮޅަކު ވިސްނަން ކައިލް ހުއްޓެވެ.

"އޯ..ކޭ؟.." ނަމަވެސް އަފާ ބޭނުންވީ ކައިލްއާއި އިތުރަށް ވާހަކަ ދައްކާށެވެ. ނަމަވެސް އަފާގެ ނަސީބު ދިމާކުރީ އެހެން ގޮތަކަށެވެ. ކުދިންތަކެއް ކައިލްއަށް ގޮވަންފެށުމުން އޭނާ އަފާއަށް ހިނިތުންވެލާފައި ދިޔައީއެވެ.

އަފާ އޭގެފަހުން ވަގުތެއްވާއިރަށް ލައިބްރަރީއަށްދެއެވެ. ކޮންމެ ދުވަހަކުވެސް އެއްގަޑިއެއްގައި ކައިލް ރައްޓެހިންނާއެކު ކިޔަވަން ލައިބްރަރީއަށް އަންނަކަން އަފާއަށް އެނގުނީ މިހެން އުޅުމުގެ ތެރޭގައެވެ. ވީމާ އެގަޑީގައި އަފާވެސް އަބަދުވެސް ހުންނަނީ ލައިބްރަރީގައެވެ. އެގަޑީގައި އޭނާގެ ކުލާހެއް އޮތަސްހެވެ. އަދި ކައިލް ގެއަށްދާއިރު ފަސްފަހަތުން ދުރު ދުރުންދެއެވެ. އަފާއަށް
ޤަބޫލުކުރެވެމުން ދިޔައީ އޭނާއަށް އިންތިހާއަށް ކައިލްދެކެ ލޯބިވެވިއްޖެކަމެވެ. އަދި ކައިލްދޭ ހިނިތުންވުމާއި ފެންނައިރަށް "ހައި" ކިޔާލާ ގޮތުން ކައިލްވެސް އަފާއަށް ޝައުގުވެރިވާހެން އަފާއަށް ހީވެއެވެ. މިހީވުންތަށް އިތުރުވަނީ ބައެއްފަހަރު އޭނާއާއި ކައިލްއާ އެކީ ލައިބްރަރީއަށް ވަންނަން ނުވަތަ ނިކުންނަންދެވޭ ވަގުތެއްނަމަ ދޮރު ހުޅުވާލައިފައި އަފާއަށް ފުރަތަމަ ނިކުތުމަށް ނުވަތަ ވަނުމަށް ތަންދޭތީއެވެ. 

ދެއަހަރުފަހެވެ. އަދިވެސް އަފާގެ ހިތުގެ ރާޖާއަކީ ކައިލްއެވެ. ސްކޫލު ނިންމާފައި ކައިލް މާލެ ދިޔަދުވަސްކޮޅު އަފާއަށް ރަނގަޅަށް ނުނިދެއެވެ. އެއްޗެއްކާ ހިތް ނުވެއެވެ. މިހާރު ކައިލް މަސައްކަތް ކުރަނީ ރަށު ހޮސްޕިޓަލުގެ އޮފީސްބައިގައެވެ. ވީމާ ވަރަށް މަސައްކަތުން އަފާވެސް އެތަނުން ވަޒީފާއެއް ހޯދިއެވެ. އެއީ ހޮސްޕިޓަލުގެ ރިސެޕްޝަނިސްޓެއްގެ މަގާމެވެ. ކޮންމެ ދުވަހަކުވެސް ކައިލް އޮފީހަށް ވަންނަނީ އަދި ނިކުންނަނީ އަފާ އެތާ އިންދައެވެ. ދަނީ އަފާއަށް ނުހަނު ލޯބި ހިނިތުންވުމެއްދީފައެވެ. ބައެއް ފަހަރު ކުޑަކޮށް ވާހަކަވެސް ދައްކައެވެ. ސްކޫލު ނިމުނުފަހުން އޭނާ އަދި މާރީތިހެން އަފާއަށް ހީވެއެވެ.

މިހާރު ކައިލްއާއި ވާހަކަދައްކަން ކެރޭތީ އަފާ ބޭނުންވަނީ އިތުރު ލަސްތަކެއްނުވެ އޭނާގެ ހިތުގައިވާ އެއްޗެއް ކައިލްއަށް އަންގާދިނުމަށެވެ. މިއަދުމީ އޭނާ ކޮންމެހެންވެސް އެކަން ކުރާނެ ދުވަހެކެވެ. އެހެން ދުވަސް ދުވަހަށްވުރެ ބޮޑަށް ރީތިވެ ދެތިން ވައްތަރު ސެންޓުޖަހައިގެން އަފާ އޮފީހަށް ދިޔައީ ފަނަރަވަރަކަށް މިނަޓު ކުރިންނެވެ. ޑެސްކު ދޮށުގައި އިންނަތާ މާގިނައިރެއްނުވެ އޮފީސް ދެމީހަކާއެކު އޭނާގެ ހިތުގެ ރާޖާ އަންނަތަން ފެނުނެވެ. އަވަސް އަވަހަށް ބުރުގާ ރީތި ކޮށްލައި އަތްދަބަހުން ލޯގަ ނޑުނަގައި ސިއްރު ސިއްރުން މޫނު ބަލާލައި ހަމަޖެހިލިއެވެ.

"އޭ ދެން މީނާ ކަންތައް މިދިޔައިއްޔޭ!. ދެން އަހަރުމެންނާއެއްކޮށް ކޮފީއަކަށް އަޔަސް ޝުކުރުހުރި. ރަނގަޅަށްވިއްޔާ އަބަދު ހުންނަނީ ތުނޑިގައި ތަރިބާލަން!" ސައީދު ކައިލްގެ ކޮނޑުގައި ޖަހާލަމުން ބުނާއަޑު އަފާއަށް އިވުނެވެ.

'އަހަރެން ނުބުނަނީސްވެސް އެމީހުންނަށް އިނގުނީހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެކަކަށްވެސް ނޭންގޭނެއެވެ. އެހެންވިއްޔާ....ކައިލް! ކައިލް އަހަންނަށް ލޯބި ހުށައަޅަނީހެއްޔެވެ؟' އަފާގެ ހިތްތެޅެން ފެށިއެވެ. މޫނަށް ޖަންބު ކުލަވަރު އަރަންފެށިއެވެ. 'އެންމެފަހުން އަހަރެންގެ ދިގު އިންތިޒާރުގެ ނިމުން އަންނަނީއެވެ.' އަފާގެ އަތްފައި ފިނިވާން ފެށިއެވެ.

" ގުޑްމޯރނިންގް އަފާ! ކިހިނެއްވެފަ ތިއިނީ؟" ކައިލްއާއެކު އައި މާހިދު އެހިއެވެ.

"ނުވޭ ކަމެއް." އަފާއަށް ޖަވާބު ދެވުނީ ކައިލްއަށް ބަލަމުންނެވެ.

"އެހެންނުވާނެ ތިހުރި...ފަހަރީ!" މާހިދު ދައްކަން ހުރިވާހަކަ މެދުކަ ނޑާލައިފައި ރާގުލާފައި އެތަނަށް އައި ނަރުސް ކުއްޖަކަށް
ގޮވާލިއެވެ. އެއީ އަފާ ދަންނަ ކުއްޖެއް ނޫނެވެ. ބޮޑަށް ހީވަނީ އަލަށް ވަޒީފާއަށް ނިކުތް ކުއްޖެއްހެންނެވެ. ހިތާދޫ ކުއްޖެއްހެންވެސް
ހީނުވެއެވެ. އަފާ އެކުއްޖާއަށް ރަނގަޅަށް ބަލާލިއެވެ.

"ވެލްކަމް! ވެލްކަމް! ކިހިނެއްވަނީ ފުރަތަމަ ޑިއުޓީ؟" ސައީދު އެކުއްޖާއާގާތަށް ޖެހިލާ އަހާލިއެވެ. " ފަރސްޓް މިހެދީ ދަންވަރު ޑިއުޓީތާ..އެހާ ބުރައެއް ދެންނުވާނެ ދޯ ރަށްރަށެއް. އެކަމަކު ނިދާލާކަށް ނުކެރުނު. މިހާރު މިހުރީ ހަމަ ނިންޖަށް ޖެހިފާ"

" ހާސްވާނެ ކަމެއްނެތެއްނު؟ މިހުރި ފިރިސޮރު. އަވަހަށް އޭނާ ގެއަށް ގެންގޮސްދީބަލަ ދެންވެސް." މާހިދު ކައިލް ޖަންނަތާ ގާތަށް
ކުޑަކޮށް ކޮށްޕައިލިއެވެ. މާހިދު ބުނި ޖުމްލަތަށް އަފާގެ ކަންފަތަށް އިވުނީ ބާރު ގުގުރިހެނެންވެ. ހަށިގަ ނޑުގެ އެންމެ ހިމަނާރަށްވެސް އަސަރު ކުރިހެން ހީވިއެވެ.

***ނުނިމޭ***

No comments:

އިޝްތިހާރު