ކައިލް 3 - Bodufoshi

އިޝްތިހާރު

ކައިލް 3

Kyle  Dhivehi Vaahaka On Bodufoshi


"ވަދޭ. ހުޅުވާފައި." އެތެރެއިން އަޑު އިވުމުން ކައިލް ދޮރުހުޅުވާލިއެވެ. އެއާއެކު ހުރިތަނަށް ގަ ނޑުވިއެވެ. ސިކުނޑިއަށް ފިނިވެ
ލޯބޮޑުވިއެވެ. ކުރިމަތިން ފެންނަން ހުރި މަންޒަރުން ކައިލް ހުރީ ބަސް ހުއްޓިފައެވެ.

އަފާގެ މުޅި ކޮޓަރީގެ ފާރު ފުރާލައިފައިވަނީ ކައިލްގެ އެކިއެކި ފޮޓޯތަކުންނެވެ. ސްކޫލުދައުރުގެ ފޮޓޯތަކެވެ. ޔުނީފޯމްގަޔާއި
އެކިކުޅިވަރުތަކުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެވެ. އޮފީހުގައި ހު އްޓާނަގައިފައިވާ ފޮޓޯތަކެވެ. ބޭރުތެރޭގައި އުޅެނިކޮށް ނަގާފައިވާ
ފޮޓޯތަކެވެ. މޫދަށް ފަތަން އަދި މަސްބާނަން ފާލަން ދޮށަށްގޮސް ހުއްޓާ ނަގާފައިވާ ފޮޓޯތަކެވެ. ސީލިންގުގައި ބައެއް ފޮޓޯތައް
އެއްލުވާފައިވެސް ހުއްޓެވެ. ކައިލް ބޭނުންވީ އަވަހަށް ނިކުމުގެންދާށެވެ. މިވަދެވުނި ކިހާވަރެއްގެ މަޅި އަކަށް ކަމެއްވެސް ނޭންގެއެވެ.
"ކައިލް." އަފާ ނިކުތީ ފާހާނާއިންނެވެ.

"ރީތިދޯ؟ އެހެންނު ވާނީ. ކައިލްއަކީ ނުލާހިކު ރީތި މީހެއްވިއްޔަ. އަހަންނަށް ތާޖުމަހަ ލްއެއް ނޭޅުނަސްވެސް ކުރެވޭނެ ވަރު މިއޮތީ
ކޮށްފަ." އަފާ ވާހަކަ ދެއްކީ ފާރުގައި ހުރި ފޮޓޯތަކުގައި ފިރުމާލަމުންނެވެ.
"ކޮބާ ފޯނު؟" ކައިލްއަށް އެތާ ހު ރުމަކަށް ފަސޭހައެއްނުވިއެވެ. ބޮލަށް އެނބުރުން އަރާހެންވެސް ހީވެ އެވެ. އެއް އިރެއްގައި އަފާ
ކައިލްއާ ހެދި އުޅުނުކަން ކައިލްއަށްވެސް އިނގެއެވެ. ނަމަވެސް އެކަންތަށް މިހާ މައްޗަށް ދިޔަކަމެއް އޭނާއަށް އެނގިފައެއް
ނެތެވެ.

" ހަނދާންވޭތަ؟ ހަނދާންވޭތަ ކައިލް އެންމެ ފުރަތަމަ އަހަންނާ ވާހަކަދެއްކި ދުވަސް؟" ކައިލްގެ ސުވާލަށް ޖަވާބުދޭކަށް އަފާ
ނޫޅެއެވެ.

" ހަނދާނެއްނުވޭ. އަހަރެންނަށް ލަސްވޭ. ކޮބާ..."

"ޝްޝްޝް...އަހަރެން ހަނދާން ކޮށްދޭނަމޭ!" އަފާ އޭނާގެ ޝަހާދަ އިނގިލި ތުންފަތުގެ މަތީގައި ޖައްސާލައިފައި ބުނެލިއެވެ.
"އޯކޭވާނެ..ކޮބާ..."

"ކީއްވެތަ އަހަރެން ވާހަކަދައްކާ ނުނިމެނީސް ތިވާހަކަ ދައްކަނީ؟ އަހަރެން ވާހަކަދައްކާ ނިމެންދެން މަޑުން ހުރޭ! އެތާ އިށީންދޭ!"
ރުންކުރު ރާގަކަށް މިހެން ބުނަމު ން އަފާ އިޝާރާތް ކުރީ މޭޒުކައިރީ ހުރި ގޮނޑިއަށެވެ. މިގަޑީ އެންމެ ރަނގަޅުގޮތަކީ
އެގޮނޑީގައި އިށީނުން ކަމަށް ކައިލްއަށް ފެންނާތީ އޭނާ އިށީނެވެ.

" ހަނދާން ކޮށްބަލަ. އެންމެ ފުރަތަމަ ލަވަ މުބާރާތެއް މިރަށުގައި އޮތް އަހަރު. މުބާރާތުގެ ފުރަތަމަ ދުވަހު. އަހަރެން ރަށްވެހިގޭ
ފުރަގަހުގައި އިންދާ އެތަނަށް އައީމެއްނު؟" އަފާ ކައިލް އިން ގޮނޑީގެ ދެއަތްގަ ނޑުގައި ހިފާއްޓާލިއެވެ. އެއްވެސް އެއްޗެއް
ނުބުނެ ހަނުހުރުމަށް ކަ ނޑައަޅައިގެން ކައިލް އިނީއެވެ.

"އަހަންނަށް އިނގޭ ކައިލްއައީ އަހަރެން އެތަނަށް ދިޔަތަން ފެނިގެންކަން. އަހަރެން ހޯދަންކަން. ކައިލްގެ މިހިތަށް..." އަފާ
ކައިލްގެ މޭގައި އަތްޖައްސާލާފައި ހީލިއެވެ. ކައިލް މޫނު އަނބުރާލީ ދުރަށެވެ.

"ކައިލްގެ މިހިތަށް ކެތްނުވިދޯ އަހަރެންގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ބަލާކަށް. އެހެންވެއެއްނު އެވަރަށް
އަހަރެން ހެއްވަން އުޅުނީ." އޭރު ކައިލްގެ ހުންނަ މީހުންނާ ގުޅޭ، ސަކަ މިޒާޖާ މެދު ކައިލް އިނީ މޮޔަހީވެފައެވެ.

"އިނގޭތަ؟ އެދުވަހުގެ މާކުރިންވެސް އަހަންނަށް ކައިލް ކަމުދޭ. އޭގެ ފަހުން އަދި މާބޮޑަށް ކަމުދެ. އަހަރެން ކައިލްދެކެ ވަރަށް
ލޯބިވޭ. އެހެންމީހެއްގެ މީހަކަށް ކަ އިލްވާތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ. އެހެންމީހެއްގެ މީހަކަ ށް ކައިލް ވިޔަވެސް
ނުދޭނަން." އަފާ ރުޅިވެރިކަމާއެކު އަނެއްފަރާތަށް އެނބުރުނެވެ.

މީހުން ބުނަނީ ދޮގެއް ނޫންތާއޭ، މީހަމަ އަސްލުވެސް ސައިކޯ ކުއްޖަކީތާއޭ ކައިލްގެ ހިތައްއެރިއެވެ. އަފާ އެހެން ދިމާލަކަށް ބަލަން
ހުރީތީވެ ކައިލް އަވަހަށް ވަށައިގެން ބަލައިލީ އޭނާގެ ފޯނު ފެނޭތޯއެވެ. ފޯނު އޮތީ ގޮނޑީގެ އެއްފަރާތުގައި ހުރި ނިދާ އެނދުގެ
ހެޑް ބޯރޑް މަތިގައި ބާއްވާފައެވެ.

" ކައިލް. އަހަރެންމީ ކައިލްގެ މީ ހެއް. އަދި ތީ އަހަރެންގެ މިލްކެއް. ކައިލް ބޭނުންނަމަ މިހާރުވެސް ކައިލްއަށް އަހަރެން
ލިބިދާނެ. " މިހެން ބުނުމާއެކު އަފާ އޭނާ ލައިގެން ހުރި ޖެކެޓާއި ބުރުގާ ބޭލިއެވެ. ކައިލް ވަގުތުން ލޯމަރާލުމަށްފަހު މޫނު
އަނބުރާލިއެވެ. އަފާ ކައިލްއާއި ގާތަށް އަންނަކަން ކައިލްއަށް އިހުސާސުވެއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތާ އިންނާކަށް
ކައިލް ބޭނުމެއްނުވެއެވެ. ކުއްލި ހަރަކާތާއެކު ކައިލް ތެދުވެ ގޮނޑި އަފާއާއި އޭނާއާ ދެމެދަށްވާގޮތަށް ބަހައްޓާފައި ، ފޯނު
ނަގައިގެން އަވަސް އަވަހަށް ކޮޓަރިން ނިކުމެ، ސިޑިން ފޭބިއެވެ.

"ކައިލް! މަޑުކޮށްބަލަ!" އަފާވެސް ދުވެފައި ކޮޓަރިން ނިކުތެވެ. ކައިލް އެދިޔަ ބާރުމިނުގައި ގޮސް ގޯޅިއަކުން އަޅައިފިއެވެ.
ތިރީގައި އަފާގެ ބައްޕަ އެއްފަހަރު ކައިލް ދިޔަ ދިމާލަށް އަނެއްފަހަރު ނިވާކަން ކުޑަ ހެދުމުގައި ހުރި އޭނާގެ ދަރިފުޅަށް
ބަލައިލިއެވެ. އަފާއަށް ބައްޕަފެނުމުން މުޅިމީހާ ފިނިވެ ބިރުން ރޫރޫއަޅައިގަތެވެ.

"މި ކޮންކަމެއް؟" އަފާގެ ބައްޕަ އަފާއާއި ވާހަކަދެއްކި ސިޓިންގ ރޫމަށް އަފާ ގެނުވާފައެވެ. އެއްވެސް ޖަވާބެއް ނުދީ އަފާ ހުރީ
އިސްޖަހާލައިގެންނެވެ.

"މީ ކޮންކަމެއްހޭ؟ އެއީ ކާކު؟ ބުނޭ!" އަފާގެ ބައްޕަގެ އަޑުބާރުވާން ފެށިއެވެ. މާ އަޑުގަދަވާހެން ހީވުމުން އަފާގެ މަންމަ
މަންސޫރާ ކޮޓަރިން ނިކުތެވެ.

"އިނގޭތަ މަންސޫރާ! މި ގޮތެއްނެތް ކަލޭގެ ދަރި އުޅުނީ ކޮޓަރިއަށް ފިރިހެނަކު ވައްދައިގެންނޭ! ހުރި ނުލަފާކަން ބަލާބަލަ."
މަންސޫރާއަށް ގަބޫލެއް ނުކުރެވުނެވެ. އަފާއަކީ ދުވަހަކުވެސް ފިރިހެންކުއްޖަކާއެކީ އުޅުނު ކުއްޖެއްނޫނެވެ.

"ތިހެން ނުވާނެ ވަހީދޫ. ނިކަ ން ވީގޮތް ފުރަތަމަ އޮޅުން ފިލުވަބަލަ!"

"ހޫން. ނިކަން ކިޔާދީބަލަ. މަ ކިތައް ފަހަރު އަހައިފިން މީނާ ގާތު. ނުބުނެވުނެއްނު."

"ބައްޕާ..."

"މަށަށް ބައްޕާއޭ ކިޔާނެ ކަމެއްނެތް!"

"އެހެންނެއްނޫނޭ..ބައްޕާ..ޤަބޫލު..."އަފާއަށް ބިރުން ރޮވެން ފެށުނެވެ. އެވަގުތު މޮޅު ހިޔާލެއްއައެވެ.

"އޭނާ...އޭނާ.. އުޅުނީ އަހަރެން ރޭޕްކުރަން." އަފާ ރޮމުން ރޮމުން ބުންޏެވެ.

"ކީކޭ؟" އަފާގެ މަންމައާއި ބައްޕައަށް މިހެން އެހުނީ އެކުއެކީގައެވެ.

" އާން..އަހަރެން އޭނާއާ ރައްޓެހިވެގެން އުޅޭތާ މިހާރު ވަރަށް ދުވަސްވެއްޖެ. މަންމަވެސް އަހަރެން އަތުން އޭނާގެ ފޮޓޮލެއް
ދުށީމެއްނު؟ " ވަހީދު ބަލައިލީ މަންސޫރާއަށެވެ. މަންސޫރާ ބޯޖަހާލިއެވެ.

"އޭނާ މިހާރު އުޅެނީ ރަށު ހޮސްޕިޓަލަށް އަލަށް އައިސް އުޅޭ ޖަންނަތުގެ މަޅީގައި ޖެހިގެން. އަހަންނަށް ހީވަނީ ޖަންނަތު އޭނާއަށް
ފަންޑިތަ ހަދާފައިހެން. ޖަން ނަތުއައި ފަހުން އޭނާ އަހަންނާ ވަރަށް ދުރުވެއްޖެ. އަނިޔާވެސް ކުރޭ. މިރޭ އޭނާއައީ އަހަންނާ
ރުޅިވާން. އެވެސް ޖަންނަތު ރަންކީމަ. އަހަރެން ރުޅިވާން އެއްބަސް ނުވީމަ ބުނީ އިންނާށޭ. އަހަރެން ބުނީ ދެއަންބަކަށް
ނީންނާނަމޭ. ކައިލް ޖެހޭނީ ޖަންނަތު ދޫކޮށްލާށޭ. އެހެން ބުނީމަ..." އަފާ އަނެއްކާވެސް ރޯންފެށިއެވެ.

"އޭނާ ބުނީ އަހަރެންމީ އޭނާގެ އެއްޗެކޯ. އޭނާއަށް ބޭނުން ފުދުނީމައޯ އެހެން މީހަކަށް ލިބޭނީ.. މަންމާ." އަފާ އޭނާގެ މަންމަގެ
ގައިގައި އޮޅުލައިގަތެވެ. މަންސޫރާގެ ސިކުނޑިވަނީ ހާސްވެފައެވެ. ނަމަވެސް ވަހީދަކަށް އަފާ އެބުނަނީ ތެދެއްކަމަށް ޤަބޫލެއް
ނުކުރެވެއެވެ. އޭނާގެ ދަރިފުޅުގެ ވިސްނުން ހުންނަ ގޮތް ވަރަށް ރަނގަޅަށް އޭނާއަށް އެނގެއެވެ. އެ ފިރިހެން ކުއްޖާ ދުވެފައި
ދިޔުމުން އަފާ އޭނާއަށް ގޮވިކަން ވަހީދަށް އެނގެއެވެ. އޭނާ މިހާރު ބަލަން ބޭނުންވަނި އެއީ ކޮން ފިރިހެއްކުއްޖެއްތޯއެވެ.

"ހަލޯ؟" ދަންވަރު މިގުޅަނީ ކާކުބާއޭ ކައިލްގެ ހިތަށް އެރިއެވެ.

"ހަލޯ؟ ކައިލް؟ އަހަންނޭ." އެކޮޅުން އިވުނީ ވައިއަޑަކުން އަންހެން ކުއްޖަކު ވާހަކަދައްކާއަޑެވެ.

"ކާކު..." އަހާލެވޭ އިރަށް އެއީ ކާކުކަން ކައިލްއަށް އެނގުނެވެ.

" އަފާއޭ. ކައިލްދެކެ އެންމެ ލޯބިވާ އަފާއޭ." ކައިލް ފޫހިކަމާއެކު ފޯނު ކަ ނޑައިލިއެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ.
"ހަލޯ؟"

"ކީއްވެތަ އަހަރެން ވާހަކަ ދައްކަދައްކާ ހުއްޓާ ތި ފޯނު ކަ ނޑައިލަނީ؟ އަހަރެން..." ފޯނު ކަ ނޑައިނުލާ މޭޒުމަތީގައި ބާއްވާފައި
އަނެއްކާވެސް އޭނާ ނިދިއެވެ.

ހެނދުނު ހޭލައިގެން ފޯނު ބަލައިލިއިރު ފަނަރަ ވަރަކަށް މިސްޑްކޯލް އޮތެވެ. އަދި ވިއްސަކަށް މެސެޖު އައިސްފައި އޮތެވެ. ފަނަރަ
ފަހަރުވެސް ގުޅާފައި އޮތީ އަފާއެވެ. ހުރިހާ މެސެޖެއްގައި ވެސްވަނީ "އައި ލަވް ޔޫ" މިހެންނެވެ. މިޖެހުނީ ބޮޑުކަމަކާއޭ ކައިލްގެ
ހިތަށް އެރިއެވެ.

އޮފީހަށް ވަންނަނިކޮށް ކުއްޖަކު އައިސް ކައިލްގެ އަތުގައި އޮޅުލައިގަތެވެ.

" އަފާ..ކިހިނެއް ތި އުޅެނީ؟" ކައިލް އުޅުނީ އަފާގެ އަތް ނައްޓުވާލެވޭތޯއެވެ. ނަމަވެސް އަފާ ހުރީ ވަރަށް ބާރަށް
ހިފާއްޓައިގެންނެވެ.

" ތީ އަހަރެންގެ ލޯބިވެރިޔާ. އަހަރެންވެސް އޮފީހަށް ވަންނާނީ އަހަ ރެންގެ ލޯބިވެރިޔާގެ އަތުގައި ހިފައިގެން." މަޖާ ވެލާފައި އަފާ
ބުންޏެވެ. ކައިލް އަދިވެސް ދިޔައީ އަފާގެ އަތް ނައްޓުވައިލެވޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އަފާ ކައިލްގެ އަތުން
ދޫކޮށްލިއެވެ. އަދި ކައިލްގެ ޓައީގައި ހިފައި އޭނާއާ ގާތަށް ދަމާލިއެވެ.

"މެންދުރު ކާންދާންވާނީ އަހަންނާއެއްކޮށް" މިހެން ބުނެފައި އަފާ ހޮސްޕިޓަލަށް ވަނެއެވެ. ތަންކޮޅެއް ދުރުގައި މިމަންޒަރު ބަލަން
ޖަންނަތު ހުއްޓެވެ.

"އަހަރެން ދެކުނިން އަފާ އޭނާގެ އަތުގައި އޮޅުލައިގަތްތަން." ޖަންނަތާއި ވާހަކަދެއްކީ އެކީ ޑިއުޓީގައި އުޅޭ މީރާއެވެ.

"ތިޔެއްދެން ނޭންގެ. އަހަންނަށް އިނގެނީ އޭނާ ކައިލްގެ ޓައީގައި ހިފައި ދަމައިގަތްކަން. ކައިލް ވެސް އޭނާ ދުރުކޮށްލާކަށް ނޫޅެ.
ހުރީ އޭނާގެ ކޮނޑުގައި އަތްބާއްވައިލައިގެން. އަހަރެން ލައްވާ ރަންވެސް ކިޔުއްވާފަ ކީއްވެތަ؟..." ޖަންނަތަށް ރޮވޭގޮތްވިއެވެ.
"އޭ.. ހާދަ ހިތް ބައްޔޭ ދޯ؟ ވެދާނެއްނު އޭނާ ޖަންނަ ޓެސްޓު ކުރަ ނީ ކަމަށްވެސް. އިތުބާރު ކުރަނީ ކިހާވަރަކަށްތޯ ބަލަން." މީރާ
ބޭނުންވީ ޖަންނަތު ހިތްހަމަޖައްސައިދޭށެވެ.

"ޓެސްޓު ކުރަނިއްޔޭ؟..." ޖަންނަތު ވިސްނާލިއެވެ.

މެންދުރު ކާންދާން ކައިލް ނައުމުން އަފާ ހުރީ ރުޅިއައިސްފައެވެ. ހޯދަން ދިޔައިމައި ބުނީ ކައިލް ކާން ދިޔަތާ ކިތަންމެ އިރެއް
ކަމަށެވެ. އަފާ ބެލި އިރު ޖަންނަތުވެސް ހޮސްޕިޓަލަކު ނެތެވެ. ޖަންނަތާ އެކީގައި ދިޔައީކަން އެނގުމުން އަފާގެ ރުޅިގަ ނޑު
އިންތިހާޔައް މައްޗަށް ދިޔައެވެ. އަހަރެން ނޫން މީހަކާއެއްކޮށް ގޮސް ކައިލްއަކަށް ހަމަޖެހިގެން ނުކެވޭނެ. އަފާ ހިތަށްއެރިއެވެ.
"އައްސަލާމް ޢަލައިކުމް." ކައިލް ފޯން ނެގީ އޮފީސް ނަންބަރަކުން ގުޅާތީއެވެ.

"އައި ލަވް ޔޫ. ހީނުކުރާތި ތިހާ ފަސޭހައިން އަހަރެން ކައިލް ދޫކޮށްލާނޭ" އަފާކަން އެނގުމާއެކު ކައިލް ފޯން ކަ ނޑައިލިއެވެ.

ކައިގެން އޮފީހަށް އައިއިރު އޭނާގެ މޭޒުމަތީގައި ފިނިފެންމަލަކާއި ޗޮކްލެޓެއް އޮތެވެ.
"މި ކާކުގެ ކަމެއް މިފަހަރު؟" ކައިލް ސުވާލު ކުރުމުން އެކަކުވެސް ޖަވާބެއް ނުދިނެވެ. އެއީ ޖަންނަތު ދިން އެއްޗެއްތޯ ނޫނީ އަފާ
ދިން އެއްޗެއްތޯ ވިސްނާކަށް ކައިލް ބޭނުމެއް ނުވެއެވެ. ދޭތިވެސް ލީ ޑަސްބިނަށެވެ.

މެންދަމުގެ ވަގުތެވެ. މުޅިރަށް އޮތީ ނިދާ ތަންހަރުވެފައެވެ.
"ކޮން ބާކީއެއް ކިއާކަށްތަ؟ ކަލޭ ބުނީ އެއިން ވާނޭ. ވީކަމެއް ހަރާން. ތިކަހަލަ މީހުން ފައިސާ އަތުލަނީ ހުސް ފޭކު
ހަދައިގެންނޭ!" އަފާ ވާހަކަ ދައްކަ މުން ދިޔައީ ފޯނުންނެވެ.

" ކަލޭ ހީކުރީ އެދިނީމަ ވީކަމަށްތަ؟ މަބުނިންދޯ ކާންދޭށޭ! ބުނިގޮތަށް ނުހަދާ މަށަށް ފޭކަށް ނުގޮވާ ! މަގޭ މަސައްކަތުގެ ބާކީ
ގެނޭ!" އެކޮޅުން ވާހަކަދެއްކީ ރަށުން ބޭރުން ރަށަށް އައިސް އުޅޭ ސިހުރު ހާހޫރަ ހަދާކަމަށް މަޝްހޫރު މުހައްމަދު ހިލްމީއެވެ.

" ނުދޭނަން. ކަލެއަށް ކުރެވޭނީ ކީއް؟"

"ކުރެވޭނެ ކަންތައް ބައިވަރު. މަންޖެ މަރާވެސް ލެވިދާނެ." އޭނާ އަފާއަށް ބިރު ދައްކާލިއެވެ. އޭނާއަށް އަފާއަށް ކޮންމެ
ގޮތެއްވެސް ހެދިދާނެކަން އަފާއަށް ވިސްނުނީ ދެނެވެ.

"އެންމެ ރަނގަޅޭ ދޭނަން. މަބުނީމަ ބަލައި އަންނާނީ." މިހެން ބުނެފައި ފޯނު ކަ ނޑައިލި ވަގުތު ކޮޓަރި ދޮރުގައި މީހަކު
ޓަކިޖެހިއެވެ.

އަފާ ދޮރު ހުޅުވައިލިއިރު ދޮރު ކުރިމަތީ ހުރީ ރަށުގައި އުޅޭ ވިޔާނުދާ ގުރޫޕުގެ ސޮރެކެވެ. އަފާއޭނާއަށް ބަލާލާފައި
ހިނިތުންވެލިއެވެ. އަދި ފައިސާ ބޮނޑިއެއް އޭނާއަށް ދިނެވެ.

"މަ ބުނި ކަންތައް ބަރާބަރަށް ކުރާތި. ނޫނިއްޔާ އަނެއްބައި ނުލިބޭނެ."

No comments:

އިޝްތިހާރު